ލ.ގަމު ފެނަކަ އިންޖީނުގޭގައި މިއަދު ރޯވި އަލިފާން ނިއްވާލައި އިތުރު ޖަނެރޭޓަރެއް ގެންގޮސްގެން ކަރަންޓު ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ލ.ގަން ތުނޑި، އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާގެ ރިޕޯޓް މިއަދު 15:01 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 16:26 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެެެއެވެ.
އަދި އަލިފާން ނިއްވާލުމަށް ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުން ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެެއެވެ.
ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ފޮނަދޫ ފިޔަވާ ގުޅިފައިވާ އެސަރަޙައްދުގެ ރަށްތަކުންވަނީ ކަރަންޓު ކެނޑިފައިވާތީ އެމްެއެންޑީއެފާއި ގުޅިގެން އިތުރު ޖަނެރޭޓަރެއް ގެންގޮސްގެން ކަރަންޓު ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދީފައެވެ.




