ދިވެހިން ދައްކުވައިދިން އޯގާތެރިކަމަކީ ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށް ސްރީލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރަައީސް އަނުރާ ކުމަރަ ޑިސަނަޔަކޭ މިހެން ވިދާޅުވީ ލަންކާއަށް އެރި ތޫފާން ”ޑިޓްވާ“ ގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރާއި ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނާއި އެ ގައުމަށް އެހީތެރިވުމަށް ދިވެހިން އޮންލައިންކޮންނާއި ރާއްޖެ އަދި ލަންކާގައި ކުރިއަށްގެންދިޔަ އެކި ހަރަކާތްތކަަަށް އިޝާރާތްކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖާއި ރާއްޖެއިން ފޮނުވި ދީލަތި އެހީއަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ލަންކާގެ އަވައްޓެރި ގައުމުން ދައްކުވައިދިން އެއްބައިވަންތަކަމަކީ ލަންކާގެ ރައްޔިތުންނަށް ވަަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމެއް ކަމަށް ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭ ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ރާއްޖެއާ ލަންކާއާ ދެމެދުގައި ކުރިއްސުރެ އޮންނަ ގާތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭ ވިދާޅުވިއެވެ.



