މިއަދު މެންދުރު ފަހު ލ. ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑިފައިވާތީ އެ ރަށުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ދެންމެ ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނުގައި ބުނީ ގަމު ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށް ކަަމަށެވެ.
”އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ“ ފެނަކަ އިން ބުނެފައި ވެއެވެ.
މިއަދު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ގަމު އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށް ކަމަށާއި އެނެކެސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަދި މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށްވެސް ފެނަކަ އިން ބުނެފައި ވެއެވެ. ހަމައެހެންމެ މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މިހާރު އެރަަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ހާދިސާގެ ސަބަބުން ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ފެނަަކައިން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްޔިތުންދޭ އެހީތެރިކަމާއި، އެއްބާރުލުމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.



