އިވެންޓުތަކަށް ހުޅުމާލޭގެ ސަރަޙައްދުތައް ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިވެންޓުތަކަށް ހުޅުމާލޭގެ ސަރަޙައްދުތައް ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކޮށް އެ ބަދަލުތައް އާންމުކޮށްފައެވެ.
އެގޮތުން އެޗްޑީސީން ބުނީ ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ކުލި މުރާޖާކޮށް ޖަދުވަލު 3 އަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި ޖަދުވަލު 2 ގައި ހިމަނާފައިވާ ސަރަހައްދުތަކުގައި ހުއްދަކުރާ ހަަރަކާތްތަކަށްވެސް ބަދަލުގެނެސްފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ޖަދުވަލު 1ގައި ހިމަނާފައިވާ ހަފްލާ/ހަރަކާތްތައް ބޭއްވުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން D3-1 އުނިކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ ފޮޓޯ އަދި ވީޑިއޯ ޝޫޓުގެ ހަރަކާތްތަކަށް ހުއްދަކުރާނޭ ވަގުތު ކަނޑައަޅައި، އުސޫލުގެ 5 ވަނަ މާއްދާގެ (ރ)ގެ (4.2)ވަަނަ ނަންބަަރަށް އެބައި އިތުރުކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އަދި ހަރަކާތުގެ މުއްދަތު 3 ދުވަހަށްވުރެ އިތުރުވާނަމަ ސެޓަޕްހަދާތަން ސާފުކުރުމަށް ނަގާ ދުވަސްތަކަށް ދުވަހުކުލި 50 އިންސައްތައަށް ކުޑަކުރެވޭނެގޮތަށް އެކަން އުސޫލުގެ 5ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގައި ހިމަނާފައިވާކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން 6 ގަޑިއިރަށްވުރެ ގިނަ ވަގުތަށް ސަަރަހައްދު ކުއްޔަށް ހިފާނަމަ ސަރަހައްދު ދޫކުރުމުގައި ޖަދުވަލު ތިނެއްގައި ބަޔާންކޮށްފައިވާ ދުވާލަކަށް ނަގާރޭޓުން ކުލި ނެގޭނެ ކަމަށް ނިންމާ އެކަން އުސޫލުގެ 5 ވަނަ މާއްދާގެ ނ ގެ 3 ވަނަ ނަންބަރުގައި ހިމަނާފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.




