ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، މާލޭ ސިޓީ ކައުންސިލުގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
ނަހުލާ ލިޔެކިޔުންތަކެއް ވީދާލިކަމަށްބުނާ މައްސަލައިގައި ވީޑިއޯ ފުޓޭޖު މިހާރު އާންމުވެފައި ވާއިރު އެ ވީޑިއޯ އިން ފެންނަނީ މުވައްޒަފެއްގެ އަތުން ލިޔެކިޔުންތަކެއް ހޯދައިގެން އެ ލިޔުންތައް ވީދާލާ މަންޒަރެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީކައުންސިލްގެ އެއްވެސް މެންބަރަކަށް އެއްވެސް ސަބަބަކާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް ވީދާލުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ. އަދި ނަހުލާ ވަނީ ރަސްމީ ދެ ލިޔުމެއް ވީދާލާފައި ކަމަށާއި ކައުންސިލަރުންނާ މިހާރު ހިއްސާކޮށްފައިވާ ވީޑިއޯ އިން އެ ފެންނަނީ އެ މަންޒަރު ކަމަށާއި ރަސްމީ ލިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި މިހާރު މުވައްޒަފުންގެ ބަޔާންތައްނަގާފައިވާނެ ކަމަށާއި އެ ބަޔާންތައް ފުލުހުންނާއި ހިއްސާކުރާނެ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައި ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.



