މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުރަވީ ސްކޫލްގައި ގާއިމުކުރި ”ހުނަރު ވެހި“ އިން ހިންގި ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.
ހުރަވީ ސްކޫލްގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޯޑު މެމްބަރު އަދި ސީއީއޯ މުހައްމަދު މިހާދު އެވެ.
އެމްއޭސީއެލްއިން ބުނީ އެ ރަސްމިއްޔާތުގައި ”ހުނަރު ވެހި“ އިން ހިންގި ފުރަތަމަ ދެ ކޯސްކަމަށްވާ ”ނޭޝަނަލް ސެޓިފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް“ އަދި ”ނޭޝަނަލް ސެޓިފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިން“ ގެ ތިން ބެޗަކުން 42 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ މިހާދު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ އެ ދަރިވަރުންގެ މުސްތަގުބަލަށް މުހިންމު ފައިދާއެއް ކުރާނެ ކަންތައްތައް ކަމަށެވެ.
އެގޮތުން ހާއްސަގޮތެއްގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުވުމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން އެފަދަ ތަމްރީނު ދެވިގެން ދިއުމުގެ މުހިންމުކަން މިހާރު ފާހަގަ ކުރެއްވިއެވެ.
ހުރަވީ ސްކޫލުގެ ޕްރިންސިޕަލް، މުހައްމަދު ހަލީމް ވަނީ އެމްއޭސީއެލުން ”ހުނަރު ވެހި“ ތަރައްގީ ކޮށްދެއްވައި ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދެއްވަމުންގެންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.
އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމު ކުރި ”ހުނަރު ވެހި“ އަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާ ކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހުނަރު ވެހިން ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނު އެމްއޭސީއެލުން ވަނީ ހަދިޔާ ކޮށްފައެވެ. އެގޮތުން ވަޑާން ކުރުމަށާއި ކަރަންޓާއި ވަޔަރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ހަދިޔާކޮށްފައެވެ.
މީގެ އިތުރުން ހުނަރު ވެހި ތަރައްގީ ކޮށްފައިވާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ވެސް އެމްއޭސީއެލުން ވަނީ ފޯރުކޮށްދީފައެވެ.



