ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތަޅުދަނޑިތައް އަންނަ ހަފްތާގައި ހަވާލުކުރަން ތައްޔާރުވަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ދޫކުރުމަށް މިހާރު ތާވަލުކޮށްފައިވާ ތާރީޚުތަކާ ގުޅޭ ތަފްސީލްތައް ދައުލަތުގެ މީޑިއާއާ ހިއްސާކޮށްފައެވެ.
އެފްޑީސީން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ އުދަރެހާއި ދޯދި ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ލަފާކުރާ ތާރީޚުތައް:
ޑިސެންބަރު 2 ވަނަ ހަފްތާ: އުދަރެސް ޓަވަރު – 11، 12، 13، 15، 16
ޑިސެންބަރު 5 ވަނަ ހަފްތާ: ދޯދި ޓަވަރު – 1، 2، 3، 4، 12، 13، 14
ޖަނަވަރީ 2 ވަނަ ހަފްތާ: ދޯދި ޓަވަރު – 15، 16
ޖަނަވަރީ 3 ވަނަ ހަފްތާ: އުދަރެސް ޓަވަރު – 5، 6، 8
ޖަނަވަރީ 4 ވަނަ ހަފްތާ: އުދަރެސް ޓަވަރު – 1، 2، 3، 4، 7
ޖަނަވަރީ 5 ވަނަ ހަފްތާ: އުދަރެސް ޓަވަރު – 5، 10
ޖަނަވަރީ 5 ވަނަ ހަފްތާ: ދޯދި ޓަވަރު – 5، 6، 7، 8، 9، 10، 11
އެފްޑީސީން ބުނީ މިއީ މިޓަވަރުތައް މިހާރު ދޫކުރުމަށް ލަފާކުރާ ތާވަލު ނަމަވެސް، ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ނަމަވެސް ސަރުކާރާއި އެފްޑީސީގެ ޢަމާޒަކީވެސް ފްލެޓްތައް ޖަނަވަރީގެ ނިޔަލަށް ހަވާލުކުރުން ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިމި، ގިނަ ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ، ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ.



