ކ.ދިއްފުށިގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ޖަޕާން ސަރުކާރުން ފައިސާގެ އެހީގައި ޔޫ.އެން.ޑީ.ޕީ. އިން 2022 އިން 2025 އަށް ހިންގަމުންދާ 4.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ، އިންސާނުންނާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ސިއްހީ ދާއިރާގެ ކުނި މެނޭޖްކުރުން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.
ހެލްތު މިނިސްޓްެރީން ބުނީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްޚީ ދާއިރާގެ ކުނިމެނޭޖް ކުރުމަށް ޙާއްސަ ކުރެވިފައިވާ ޢިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގައި ބޭނުންކުރާ ތަކެތި ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ޔޫ.އެން.ޑީ.ޕީ، އަދި ޖަޕާން ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، ދެމެހެއްޓެނިވި ސިއްޙީ ނިޒާމެއް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި:
•ކ.ދިއްފުށި ސިއްޙީ މަރުކަޒުގައި ގާއިމް ކުރެވުނު މި ފެސިލިޓީއާ އެކު، މުޅި ރާއްޖޭގައި 21 ސިއްޙީ ކުނި މެނޭޖްކުރާ ތަން ހެދިފައިވޭ.
•ތުރާކުނު އަދި ތަކަންދޫ ސިއްޙީ މަރުކަޒަށް އޮޓޯކްލޭވް ފޯރިކޮށްދެވިފައިވޭ.
•ކުނި އުފުލުމުގައި ރައްކާތެރި، ސާފު-އެނާޖީ ބޭނުންކުރާނެ 65 އިލެކްޓްރިކް ޓްރައިސައިކަލް (ތިން ފުރޮޅުލީ ސައިކަލް) ހަވާލުކުރެވިފައިވޭ.
•ޑަބްލިޔު.އެޗް.އޯ އާ ގުޅިގެން 656 ސިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރިގޮތުގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖް ކުރާނެގޮތުގެ ތަމްރީނު ދެވިފައިވޭ (ބައިވެރިންގެ ތެރެއިން 90% އަކީ އަންހެނުން).
•ކުނި މެނޭޖްކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރ ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް އަޕްގްރޭޑްތައް ފޯރުކޮށްދެވިފައިވޭ.
•ދެމެހެއްޓެނެވި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން އީ.ސީ.ޖީ މެޝިން އާއި އޮޓޯކްލޭވް މެޝިން ހިމެނޭހެން ސިއްޙީ ޚިދުމަތުގެ ސާމާނު ހޯދިފައިވޭ.
މިނިސްޓްރީ އޮފް ހެލްތު، ޔޫ.އެން.ޑީ.ޕީ، އަދި ޖަޕާން ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، އަދި ދެމެހެއްޓެނިވި ސިއްޙީ ނިޒާމެއް ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރަމުންނެވެ.



