ސަރުކާރާއި ދެކޮޅުކަން ނޫހަކުން އިއުލާނު ކުރުމުން އެހިސާބުން އެވަނީ ސިޔާސީ އެކްޓިވިޒަމްއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ނޫނީ ނޫސްވެރިންނަށް ބޮޑެތި ފުރުސަތުތައް ދިން ސަރުކާރެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެތަނުގައި ނޫސްވެރިންގެ ސުވާލުތައް ނިމެންދެން ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ނޫސްވެރިންގެ ސުވާލުތައް ހުސްވެގެން ނޫސްވެރިން ގެޔަށް ދާން ބޭނުންވީމަ ހުއްޓާލީވެސް“ މުޅި ދުނިޔެއިން ވެސް ފާހަގަކުރި، ރިކޯޑު މުގުރާލި ނޫސްވެރިންގެ ބައްދަލުވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމަކީ އެހެންދާއިރާތައް ފަދައިން ވަރަށް ”ޕްރޮފެޝަނަލީކޮށް“ ހިންގަން ޖެހޭނެ ދާއިރާއެއް ކަމަށާއި އެކަމަކީ ޒިންމާދާރު ކަމާއިއެކު ކުރަންޖެހޭނެ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ”ތިމަންނާމެންގެ ޕޮލިސީއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެކޭ ކިޔައި، އިއުލާނުކުރުމުން އެކަމުގެ ޕްރޮފެޝަނަލްކަން ގެއްލުނީ“ ކަމުގައި ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމަކީ ވަކި އަތަކަށް ޖެހިގެން ކުރާ ކަމެއް ނޫން ކަމަށާއި، އެގޮތަށް ކަން ހިނގާކަމަށް ވާނަމަ އެއީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތެއް ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ހަމައެއްޗެއް ކަމަށާއި، އެމަސައްކަތުގައި ދެފަރާތް ރަނގަޅަށް ބަލައިގެން ކުރިއަށް ގެންދާ ކަމެއް ކަަމަށެވެ.
”ކޮންމެ ވާހަކައެއްގައިވެސް 2 ފަރާތް ގެންނަން ޖެހޭ. ތެދުބަހުން ވާހަކަ ދައްކަން ޖެހޭނީ. ފަސްކާފު އޮވޭ. މިހާރު ނޫސްވެެރިކަމާއި ބެހޭ ގާނޫނެއް ކޮމިޝަނުން ވަނީ ހަދާފަ. ނަމަވެސް މިހާހިސާބަށް އައިއިރު، އެ ކޮމިޝަނުން އެއްވެސް ނޫހަކަށް ފިޔަވަޅު އަޅާފައެއް ނުވާނެ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ފަރާތަކުން ދައްކަން ބޭނުންވާ ވާހަކައަކަށް މިސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ތައްމިނަށް ހުޅުވިފައި ކަމަށެވެ.



