މިހާރު އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ތަން ދޫކޮށްލާފައި ސަރުކާރުގެ އެހެން ހައުސިން ސްކީމަކަށް ނުވަތަ ގޯއްޗަށް އެޕްލައި ކުރެވޭނެ ގޮތް ހޯދައި ދިނުމާ ގުޅޭ ގޮތުން ސަރުކާރުން ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެ ޖަލްސާގައި ބައިވެރިވި ބައެއް މީހުންވަނީ މީގެކުރިން އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ މީހުންގެ މައްސަލައާ ގުޅޭގޮތުން ރައީސްއާ ސުވާލު ކޮށްފައެވެ. އެގޮތުން އެއް ކޮޓަރީގެ ފްލެޓު ލިބުނު މީހުން އެތަން ދޫކޮށްލަން ޖެހުމުން، އިތުރު ހައުސިންގް ސްކީމަަށް ކުރިމަތިލުމުގެ ފުރުސަތުވެސް ގެއްލުމުގެ ކަންބޮޑުވުން އެމީހުން ވަނީ ފާޅުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާ މަތިން އެހެން ހައުސިން ސްކީމަކަށް ކުރިމަތިލެވޭނެ ގޮތެއް ހެދުމަށް ޕޮޒިޓިވް ނުވަތަ އީޖާބީ ގޮތެއްގައި ސަރުކާރުގެ ތެރެއިން އެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އެ ކަމާ ބެހޭ ގޮތުން އަޅުގަނޑު ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާފައި ރައްޔިތުންނަށް ހާމަކުރާނަން. އަޅުގަނޑަށް އެނގޭ އެ ކަމުގައި ހުރި ކޮމްޕެކްސިޓީ. އެހެންވީމާ އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލާފައި ގޯއްޗަށް ކުރިމަތިލުން. އެ ކަމަށް ހަމަ ރަނގަޅު ހައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނަން“ ރައީސް މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އަލަތު ކޮޓަރީގެ މީހުންގެ ފްލެޓުތަކާ ގުޅޭ ގޮތުން މީހަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިއުލާންކުރި އެ ކެޓަގަރީ، ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އުވާލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އަލަތު ކޮޓަރީގެ ފްލެޓުތައް އިމާރާތްކުރި ނަމަވެސް އެ ތަންތަން ރައީސް ސޯލިހުގެ ވެރިކަމުގައި ”ދޭނެ ބަޔަކަށް ދީ ނިންމާފައިވާ“ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



