ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ޔޫމެޓް ކޮންސްޓްރަކްޝަން ކުންފުންޏަށް ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކައި އޮތް ފައިސާ، އޭނާގެ މުދާ ވިއްކައިގެން ނަމަވެސް ހޯދައިދިނުމަށް ކޯޓުގައި އެދިއްޖެއެވެ.
ދަގަނޑޭއާއި އޭނާ ކުރިން ކުޅުނު (މިހާރު އުވިފައިވާ) ވީބީ ސްޕޯޓްސްގެ މައްޗަށް މި މައްސަލައާ ގުޅިގެން ކުރިން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެއީ، ދަގަނޑޭގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާއާއި އެ ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެޓުން ކުރި ދައުވާއާ ގުޅިގެންނެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު އަންގާފައިވަނީ އެ ފައިސާ 6 މަސް ދުވަސް ތެރޭގައި ދެއްކުމަށެވެ. ނަމަވެސް މިހާތަނަށް އޭގެތެރެއިން ދައްކާފައިވަނީ 1 މިލިއަން ރުފިޔާކަން ކޯޓުގެ ލިޔެކިޔުންތަކުން ހާމަވެއެވެ.
މީގެއިތުރުން 10 އަހަރުވީ ހުކުމުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް ދައްކާފައިވާ ފައިސާ ދައްކާފައިވަނީ ދަގަނޑޭކަން ވަނީ އެނގިފައެވެ. އަދި، ބާކީ ނުދައްކައި އޮތް 415،225 ރުފިޔާގެ މައްސަލަ ތަންފީޒު މައްސަލައެއްގެ ގޮތުގައި ކޯޓުން މި ހަފުތާގައި ނިންމިއިރު، ޔޫމެޓުން ކޯޓުގައި އެދުނީ ދަގަނޑޭގެ މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ހޯދައިދިނުމަށެވެ.
ނަމަވެސް އަޝްފާގަކީ އެ ފައިސާ ދެއްކޭނެ ފަދަ ގާބިލުކަން ހުރި މީހެއް ކަމަށް ބަލައި، ކޯޓުން އެންގީ ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ހުރި ފައިސާ ދައްކައި ޚަލާސްކުރާށެވެ.




