އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ގެއްލުންތަކުގެ މައްޗަށެވެ.
ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވެއެވެ. އެހެނަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، އެކަމާމެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެކަން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
ތިމާމެންގެ އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް ވައްޓައިލައެވެ. ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދެއެވެ. އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި، ޙާޖަތްތެރީންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލާން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟
މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ!“
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބެވެ. މީގެ އިތުރުން، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެކެވެ. އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުންލިބެނީ ހަމައެކަނި އެ ކަން ކުރާ ބަޔަކަށް ނޫނެވެ. މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބެއެވެ. އެހެންކަމުން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިއަދު ވަނީ މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައެވެ. މަތިންދާބޯޓުތަކާއި އެއަރޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވިފައި ވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ހުންނާނީ ލިބިފައެވެ. އެހެންކަމުގައިވާ ނަމަ، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި ތިމާއަށް ވުރެ ޢުމުރުން ދޮށީ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެމީހުންގެ މޫނާ ދިމާއަށް، ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޝައްކެއްނެތެވެ. ކޮންމެ މީހެއްގެ ވެސް އެންމެ ގާތުގައިވާނީ، އެ މީހެއްގެ ދެ ކޮނޑުގައިވާ ދެ މަލާއިކަތްބޭކަލުންނެވެ.
ރަސޫލު ﷲ (ޞޢވ) ޙަދީޘްކުރައްވައިފައި ވެއެވެ. (فَإِنَّ الْمَلَائِكَةَ تَتَأَذَّى مِـمَّا يَتَأَذَّى مِنْهُ بَنُوْ آدَم) މާނައީ: ”ހަމަކަށަވަރުން، އާދަމުގެދަރީންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތްބޭކަލުންނަށް ވެސް އުނދަގޫފުޅު ވެއެވެ.“
ގޭތެރޭގައްޔާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން، އެތަންތާނގައި ދިރިއުޅެމުންދާ އަހަރެމެންގެ ކުޑަކުދީން ދުޅަހެޔޮކަމާ އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭކަން އިޙްސާސުކުރެވޭ ބާވައެވެ! އެ ކުދީންނަކީ، މި ޙައްޤު ހޯދުމަށް ނުކުމެ، އެ ކަމާ ވަކާލާތު ކުރެވޭވަރުގެ ޤާބިލު ބަޔަކަށްނުވާ ހިނދު އެ ކުދީންގެ މި ޙައްޤުތައް ހޯދައިދިނުމީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއްބާވައެވެ!
މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޙަލާލު ރަނގަޅު ތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲއަށް އަޅުކަންކުރާކަމުގައިވާ ނަމަ އެކަލާނގެއަށް ތިޔަބައިމީހުން ޝުކުރުވެރިވާށެވެ!“
ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެކެވެ. ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާށެވެ! ފުރަތަމަ ތިމާގެ އަމިއްލަ ނަފުސެވެ. ދެން ޢާއިލާއެވެ. އެއަށްފަހު މުޖުތަމަޢެވެ. ދަންނާށެވެ! ޙަޤީޤީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަޙުމަތްތެރީންކަމުގައި ނުބަލާށެވެ! ގެއްލުންދޭ، އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމާއި، އެފަދަ ކަމެއް ކުރުމީ ޙަރާމްކަމެއްކަމުގައި، ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ.
ގެއްލުންދެނިވި އެންމެހައި ތަކެތީން ދުރުހެލިވުމަށް، އިސްލާމް ދީނުގައި ވަނީ އަންގަވައިފައެވެ. ރަނގަޅުހައި ތަކެތި ޙަލާލުކުރައްވައި އަދި އެންމެހައި ނުބައި ތަކެތި ވަނީ ޙަރާމްކުރައްވައިފައެވެ.
މާތް ﷲ އެންމެހައި ނުބައި ކަންތައްތަކުން އަހަރެމެން އެންމެން ރައްކާތެރިކުރައްވާށިއެވެ! އަދި ނުބައިކަންތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަހަރެމެން އެންމެންނަށް ދެއްވާށިއެވެ! އާމީން!


