ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ޔުނީފޯމް އެޅުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވައިލި އުސޫލުގައި، ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފިއެވެ.
އާ އުސޫލާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އެ ސާކިއުލާގައި ބުނެފައިވާގޮތުން، މި ބަދަލު ގެނައީ ސްކޫލުތަކުގެ އިސްވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ. އަދި، ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ކަމުގައި ވެސް ބުނެފައިވެއެވެ.
އެގޮތުން އެޑިއުކޭޝަނުން އެކުލަވާލި އާ އުސޫލުގައި ވަނީ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް ތުނބުޅި މަތިމަސް ބެހެއްޓޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެއީ، ގުރޭޑް 9 އަކުން ފެށިގެން 12 ވަނަ ގްރޭޑާ ހަމައަށެވެ. މީގެ ކުރިން އެ ދަރިވަރުންނަށް ތުނބުޅި މަތިމަސް ބެހެއްޓުމުގެ ފުރުސަތެއް ނުދެއެވެ.
ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް ތުބުނޅި މަތިމަސް ބެހެއްޓުމުގެ ހުއްދަ ދިން ނަމަވެސް، އެ ދަރިވަރުންގެ ތުނބުޅިއާއި މަތިމަސް ހުންނަންވާނީ އެއްވަރަށް ރީތިކޮށް ކޮށާފައި ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، އާ އުސޫލުގައި ވަނީ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ޔުނީފޯމާ އެކު ސްކާޓް ލާނަމަ، ހަރުވާޅުލާން މަޖުބޫރުކޮށްފައެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަނީ އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުން ކަމަށް ބުނެފައެވެ. އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގު ވެސް ހެޔޮވެ ފަސޭހައިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



