ބޮޑުތަކުރުފާނު މަގުގައި މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތައް ނިންމާ، މި މަހުގެ 8 ވާ އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 ފިޔަވައްސަކަށެވެ. އޭގެތެރެއިން މިހާރު މަސައްކަތް ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގައެވެ. ސެގްމަންޓް 1 ގައި ހިމެނޭ 140 މީޓަރުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް އިއްޔެ ވަނީ ނިންމާފައެވެ.
އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކާއި އަދި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތްތައް ކަމަށެވެ.
”ތާރުގެ މަސައްކަތް އިއްޔެ މުޅިން ވަނީ ނިންމާފައި. ސައިން ބޯޑް އަދި ރޯޑް މަރކްސްގެ މަސައްކަތްތައް މާދަމާއަށް ނިންމާލެވޭނެ. ހުރިހާ ކަމެއް ނިންމާ، ހޯމަ ދުވަހު އާއްމުކޮށް މަގު ހުޅުވާލުން ޢަމާޒަކީ.“ ޝަރްވަސް ވިދާޅުވިއެވެ.
ދެން މަސައްކަތް ފަށާނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެވެ.




