ޣައްޒާގެ ރަފަޙްގެ ބިންގަރާހެއްގައި ތާށިކޮށްލާފައި ތިބި ހަމާސްގެ 40 މުޖާހިދުން މަރާލާފައިވާނެ ކަމަށް އިޒްރޭލުގެ ޔަހޫދީން ބުނެފިއެވެ. ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮތް ރަފަޙް މި ވަގުތު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ރަފަޙް ޔަހޫދީންގެ އަތްގަދަށް ގެންދިޔުމާ އެކު، އެ ރަށުގައި ބިނާކޮށްފައިވާ ބިންގަރާސްތަކުގައި 200 އެއްހާ މީހުން ތާށިވެފައިވާ ކަމުގައި ބެލެވެއެވެ. އޭގެ ތެރޭގައި ގިނައީ ޢާންމުން ކަމުގައި ބުނެ، އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް، ޔަހޫދީން ބުނީ އެއީ ޙަމާސްގެ މުޖާހިދުން ކަމަށާއި އޭގެތެރެއިން 40 މީހުން މިހާރު މަރާލާފައިވާނެ ކަމަށެވެ.
ޔަހޫދީި ފައުޖުން ބުނީ، ބިންގަރާސްތަކުގައި ތާށިވެފައިވާ މުޖާހިދުންގެ ތެރެއިން އެ ތަނުން ނިކުތުމަށް މަސައްކަތް ކުރަމުންދާ މީހުންނާ ކުރިމަތިލައި، މަރަމުންދާ ކަމަށެވެ. އަދި، ބައެއް މީހުން އަމާން ދީފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ސަލާމަތުން ރަފަޙުން ނިކުތުމުގެ ފުރުސަތު ބޭނުންވާ ނަމަ، އަމާން ދިނުމަށް ބިންގަރާހުގައި ތިބި މުޖާހިދުންނަށް ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް، އެ ކަމާ ގުޅޭ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ބިންގަރާސްތަކުގައި ތާށިވެފައި ތިބި މުޖާހިދުން އަމާން ދިނުމަކީ، ދެމެހެއްޓިނި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމުގައެވެ.



