ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށް ޚާއްސަ އުޅަނދެއް ފުލުހުން ބޭނުންކުރަން ފަށައިފިއެވެ.
އާއްމު ތަންތަނުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަން ފުލުހުން މީގެ ކުރިން ބޭނުންކުރީ ފޯކްލިފްޓެވެ. އެހެންވެ، ބައެއް ފަހަރު އުޅަނދުތައް ނަގާއިރު ގެއްލުން ވެސްވާކަމުގެ ޝަކުވާތައް ވަނީ އުފެދިފައެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓުގައި ބުނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގަން ހާއްސަ ޓޯ އުޅަނދެއް ބޭނުންކުރަން ފެށުމުން، ޓޯ ކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފުލުހުން އަންނަނީ ކުރަމުންނެވެ.
އޭގެ ތެރެއިން ޒިބްރާ ކްރޮސްގައި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކު ކޮށްފައިވާ އުޅަނދުތައް މާލޭގެ މަގުތަކުން ނަގަން ފުލުހުން އިއްޔެ ވަނީ ފަށައިފަ އެވެ.




