ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމުން، އެ ތަކެތި އެތެރެކުރުން ހުއްޓުވޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން، ރާއްޖެ އަންނަ އިރު ޑްރަގު އެތެރެކޮށްފި ނަމަ، އެ މީހަކަށް މަރުގެ އަދަބު ދިނުމަށްވަނީ ފާސްކޮށްފައެވެ. އެ ބިލު ފާސްކުރީ މަޖިލީހުގެ 65 މެންބަރުންގެ ވޯޓާއެކު ގައެވެ.
އެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޒުވާނުން ބާރުވެރިކޮށް، ޑްރަގުގެ ވަބާއިން ވެސް ޒުވާނުން ސަލާމަތްކުރުން ކަމަށެވެ. އަދި ޑްރަގު މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ބޭނުންވަނީ އެކަމުގެ ”ރޫޓް ކޯސްއަށް އެޑްރެސްކުރަން“ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އޭގެ ރޫޓް ކޯސްއަކީ ކޮބާ؟ އެތެރެ ކުރުން. ޑްރަގު ރާއްޖެއަށް އެތެރެނުކޮށް އެ ވިޔަފާރި ނުކުރެވޭނެ ނޫންތޯ. ޑްރަގު އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭން މިހާރު އެ އޮތީ ބިލު ފާސްކޮށްފައި. އަޅުގަނޑުމެން ބޭނުން ވަނީ އަދަބެއް ދޭކަށް ނޫން. މިކަހަލަ އަދަބުތައް ކަނޑައެޅީމަ، މިކަން ކުރާ މީހުން މަދުވާނެ. އެކަހަލަ ބޮޑެތި އަދަބު ކަނޑައެޅީމަ ޑްރަގު އެތެރެކުރުން ހުއްޓޭނެ. އެއީ އެކަކުވެސް ބޭނުމެއް ނުވާނެ މަރުގެ އަދަބު ލިބޭކަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އެގޮތަށް އަދަބުތައް ހަރުކަށި ކުރަނީ އެ އަދަބުތައް ދޭ ހިތަކުން ނޫނެވެ. ނަމަވެސް އަދަބު ދޭން ޖެހިއްޖެ މީހަކަށް ދިނުން އެއީ އޮންނަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



