ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތުވާ“ގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހިރާއްޖެއިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާގެ ރައްޔިތުން ބޮޑު އެއްވުމެއް މިއަދު ބާއްވައިފިއެވެ.
މިއަދު ހަވީރު 05:00 އިން ފެށިގެން އިރުއޮއްސިމާއި ހަމައަށް ކުރިއަށްގެންދިޔަ އެ އެއްވުން ބާއްވާފައި ވަނީ ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ކުރިމަތީގައެވެ.
ރާއްޖެއިންވި އެހީތެރިކަން ފާހަގަކޮށް، ލަންކާގެ ރައްޔިތުން ކުރިއަށްގެންދިޔަ އެ އެއްވުމުގައި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
ރާއްޖެއާއި، ލަންކާގެ ދިދަތަކާއި، ޝުކުރުގެ އެކި ބެނާތަކާއެކު އެއްވުމުގެ ބައިވެރީން ވަނީ ދިވެހީންނަށް ޝުކުރުވެރިވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
އެ ހަރަކާތުގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެއްވުމުގެ ބައިވެރިން ވަނީ، އެމީހުންގެ ޝުޢޫރުތައް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާ ޙިއްސާކޮށްފައެވެ.
އެގޮތުން ބައެއް ފަރާތްތަކުން ފާޅުކުރި ޝުއޫރުތަކުގެ ތެރޭގައި ”ދިވެހިން ދިން އެހީތެރިކަމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ“ އަދި ”ދިވެހިންގެ އެހީތެރިކަން ޚާލިސް ޝުކުރުގެ ހިތަކުން ބަލައިގަންނަން“ ބުނެފައި ވެއެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ރިޒްވީ ވިދާޅުވީ ދިވެހީންގެ ފަރާތުން ލަންކާއަށް ވެދިން އެހީތެރިކަމަކީ ތާރީޚީ ބޮޑު އެހީތެރިކަމެއް ކަމަށާއި މިކަމަކީ ލަންކާއާއެކު ދިވެހީން ސާބިތުވެ ތިބިކަން ހާމަވީ ވަރަށް ބޮޑު ކަމެއް ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ.
ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދީތުވާ“ގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ޕީއެސްއެމް އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނުން ވަނީ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ. އަދި ދިވެހި ސަރުކާރުންވެސް ވަނީ ލަންކާއަށް 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ.
ބޯވަޔާއި ގަދަ ވިއްސާރައާއެކު ލަންކާއަށް އެރި ބާރުގަދަ އެ ތޫފާނުގެ ސަބަބުން އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ގިނައަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ ލަންކާގެ އާބާދީގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސެންޓު މީހުންނަށް ތޫފާނުގެ ސަބަބުން ގެއްލުންވެފައި ވާއިރުބއެތައް ސަތޭކަ ބަޔަކު ގެއްލި 486 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


