އެންމެ ފުރަތަމަވެސް ވާނުވާބަންދު ތަޢާރަފްކޮށް އެ ބަންދުގައި މީހުން ބައިތިއްބަން ފެށީ އެމްޑީޕީ ސަރުކާރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެންމެ ފުރަތަމަވެސް ވާނުވާބަންދު ތަޢާރަފްކޮށް އެ ބަންދުގައި ރައްޔިތުން ބައިތިއްބަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދު ކަމަށެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ ފަސް މިނިޓުން މިކަން ހައްލު ކުރެވެން އޮތްކަމަށް ވިދާޅުވާ ޕީއެންއެފްގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި މިކަން ވީއިތުރު ކަމަށާއި ޖެހިގެން އައި އެމްޑީޕީ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވާނުވާ ބަންދަށް ހައްލެއް ހޯދުމުގެ ވިސްނުންވެސް ނުގެންގުޅުއްވާ މީހުން ވާނުވާއަށް ”ޖަހަމުން“ ގެންދިޔައީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ވާނުވާ ބަންދުގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމް ޖުޑިޝަރީއަށް ފަހިކޮށް ދިނުން ކަމަށެވެ.
ހަމައެހެންމެ ފަސް މިނެޓުން ވާނުވާ ބަންދު ހައްލުކޮށްދެއްވަން ވިދާޅުވި ރައީސްގެ ވެރިކަމުގައި ކްރިމިނަލްކޯޓްގެ ސީލިންގ ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށް ކަމަށާއި ފަސް މިނެޓް އިންނެވީ ތާސްކުޅުމުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަދި ކޯޓްތަކުގެ ފަނޑިޔާރުން ވިދާޅުުވަމުން ގެންދެވީ މަސައްކަތްކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދަވަން ދަތިމައްސަލައެއް ކަމަށް ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވާނުވާ ބަންދަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ވަޢުދާއެކު ކަމަށާއި ހައްލަކީ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލަކާއި ވަޞީލަތް ކަމާއިބމާލީ މިނިވަންކަން ކަނއ ފާހަގަކުރައްވާ ރައީސްގެ ވަޢުދާ އެއްގޮތައް އެކަން ވަނީ ޖުޑިޝަރީއަށް މިހާރު ފަހިކޮށްދެއްވާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ޤާނޫނާ ޤަވައިދުގެ ތެރެއިން ވާނުވާ ބަންދުގައި ތިއްބެވި ފަރާތްތަކުގެ ބައެއްފަރާތްތައް ޓެގް އަޅުވައި ބަންދުން ވީއްލާފައި މިހާރުވެސް ތިބޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
”ނަމަވެސް 5 މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވާ ރައީސް ޔާމިނަށާއި އެމްޑީޕީގެ 2 ވެރިކަމުގެ ދެ ރައީސުންނަށް މިވަރުވެސް ކޮށްނުލެވުން ނޫންތޯއެވެ.“ ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މާތްاللهގެ ހެޔޮރަހްމަތާއެކު މިކަން ހެޔޮނިޔަތުގައި ހައްލު ކުރައްވާނީ ރައީސް މުޢިއްޒު ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު ރޭ މާފަންނު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާނުވާ ބަންދާ މެދު ”ވާނުވާ“ ނޭނގި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވާ، އެކަންކަން ކޮށްދެއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ޝުޖާއު ޕޯސްޓު ކުރައްވާފައި މިވަނީ، ބައެއް ފަރާތަތަކުން ވާނުވާ ބަންދު ހައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރޭ މާފަންނު ރައްޔުތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ”ވާނުވާ“ ބަންދުގައި މިވަގުތު ތިބި މީހުންގެ ޢަދަދާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައް އާންމު ރައްޔިތުންނާ ހިއްސާކުރައްވާ ޖުޑީޝަރީން ވަކި ގޮތަކަށް ކަމެއް ކުރަން ބުނުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި މި ސަރުކާރުން ވާނުވާ ބަންދު ހައްލުކުރުމަށް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައިވާ ރައީސް ފާހަގަކުރެއްވިއެވެ.



