ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ތެރެއިން 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފުލުހުން ނަގައިފި އެވެ.
ފުލުހުން މިއަދު މީޑިއާއަތަކަށް ފޮނުވި މެސެޖެއްގައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެތެރޭގައި ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ އަޕްޑޭޓް ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މަރުވެފައި އޮއްވާ ފެނެނު 40 އަހަރުގެ ނޭޕާލް ފިރިހެން މީހާ ރާއްޖެ އައިސްފައި ވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ.
އެގޮތުން އެ އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ފެނިފައިނުވާކަމަށާއި އަދި އެ މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ”މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ވަނީ ނަގާފައި“ ފުލުހުން ބުނެފައި ވެެއެވެ.
އަދި އެ މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމު“ ފުލުހުން ބުނެފައި ވެެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދާތީ ކަމަށެވެ
ފުލުހުން ބުނީ މި މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށާއި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު ހާމަކުރާއިރު ތެދު މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



