ނޯބެލް ކޮމިޓީގެ ފަރާތުންދޭ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ ”ސުލްހައިގެ އިނާމު“ (ޕީސް ޕްރައިޒް) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިއަހަރު ނުލިބުނު ކަމުގައިވިޔަސް، އެފަދަ އިނާމެއް ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާ ފީފާއިން ޓްރަމްޕަށް ދީފިއެވެ.
މި އިނާމު ޓްރަމްޕަށް ހަދިޔާ ކޮށްފައިވަނީ އަންނަ އަހަރު ބޭއްވޭ ވޯލްޑްކަޕް ޑްރޯ ނެގުމަށް ވޮޝިންގްޓަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ އެވެ.
ްެއެގޮތުން ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތައް ގްރޫޕްތަކަށް ބަހާލަން ފެށުމުގެ ކުރިން އިންފަންޓީނޯ ވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވެސްވާ ޓްރަމްޕަށް އެ އިނާމު ހަވާލުކޮށްދީފައެވެ. އަދި އެއީ ޓްރަމްޕްގެ ”ސުލްހައިގެ އިނާމު“ ކަމުގައި ވެސް އިންފަންޓީނޯ ބުނެފައިވެއެވެ. ސުލްހައިގެ އިނާމެއްގެ ގޮތުގައި ޓްރަންޕަށް ލިބިފައިވަނީ ރަން ތައްޓަކާއި ރަން މެޑައްޔެއްގެ އިތުރުން ސެޓްފިކެޓެކެވެ.
އިނާމާ ހަވާލުވުމަށްފަހު، އެ ރަސްމިއްޔާތުގައި ބައިވެރިވި ގާތްގަނޑަކަށް 2،000 އެއްހާ މީހުންނާ މުހާތަބްކޮށް ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިއީ އޭނާއަށް މުޅި ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ. އަދި ވެރިކަމާ ހަވާލުވުމަށްފަހު އެތައް މިލިއަން ފުރާނައެއް ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
ނަމަވެސް ފީފާގެ ބޯޑު މެންބަރުންގެ އިއްތިފާގަކާވެސް ނުލައި އަދި ނޯބެލް ކޮމިޓީން މި އެވޯޑު ޓްރަމްޕަށް ނުދޭން ނިންމާފައިވަނިކޮށް، މިފަދަ އެވޯޑެއް ޓްރަމްޕަށް ދިނުމުންނާއި ފީފާގެ ރައީސްއާއި ޓްރަމްޕްއާ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން، މިއީ ޓްރަމްޕަށް ލިބުން ހައްގު އެވޯޑެއް ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.




