ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔާއި ފުލެޓުގެ އަގަށް ދެއްވާފައިވާ ލުއިތަކާއި ގުޅޭ ލިޔެކިއުންތައް ”މައި ހުޅުމާލެ ޕޯޓަލް“ މެދުވެރިކޮށް ފުރިހަމަކުރާނެ ގޮތުގެ އިރުޝާދު ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެޗްޑީސީން ވަނީ މިކަމުގެ އިރުޝާދު ނުހަނު ތަފްސީލުކޮށް ކިޔައިދީފައެވެ.
އެގޮތުން
° އެންމެ ފުރަތަމަ ހަދަންޖެހޭ ގޮތަކީ ”މައި ހުޅުމާލެ ޕޯޓަލް“ (my.hdc.mv) އަަށް ޒިޔާރަތްކޮށް، އީފާސް މެދުވެރިކޮށް ލޮގިން ވުމެވެ.
° އެއަށްފަހު “ Sign Hiya Addendum“ އަށް ފިތާލާފައި ތިރިއަށް ސްކްރޯލް ކޮށްލާށެވެ.
° ސްކްރީންގެ ތިރިއަށް ސްކްރޯލްކޮށް، އެޑެންޑެމްގެ ޝަރުތަކާއި ފައިސާ ދައްކަންޖެހޭ ޝެޑިއުލް ބަލާލެވޭނެއެވެ.
° ޝަރުތުތަކަށް އެއްބަސް ނުވާނަމަ ރިޕޯޓު ކުރެވޭނެ ފުރުސަތުވެސް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
° ޝަރުތުތަކަށް އެއްބަސްވާނަމަ ގޮޅީގައި ”ރަނގަޅު ފާހަގަ“ ޖެހުމަށްފަހު ”ސަބްމިޓް“ އަށް ފިތާލާށެވެ.
° ސަބްމިޓް ކުރުމުން އަންނަ ސްކްރީންގެ އެންމެ ތިރިއަށް ސްކްރޯލްކޮށް، ސޮއި ކޮށްފައިވާ އެޑެންޑެމް ޑައުންލޯޑް ކޮށްލެވޭނެއެވެ.



