އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.
އީސީން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 25ގައި އަންނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު، އެ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ:
° ސަރުކާރު ހިންގާ ޕީއެންސީ
° އިދިކޮޅު އެމްޑީޕީ
° މާމިގިލީ ދާއިރާގެ މެންބަރު ހިންގަވާ ޖުމްހޫރީ ޕާޓީ
° ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ހިންގަވާ އެމްޑީއޭ
އީސީގެ ދަފުތަރުގައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އެއީ 68،665 މެންބަރުންނެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައި ކަމަށްވާއިރު އެއީ 43،765 މެންބަރުންނެވެ.
މިއަހަރު އީސީން ފައިސާ ދޫކޮށްފައިވަނީ ސިޔާސީ ފަސް ޕާޓީއަކަށެވެ. އެއީ، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް، މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.
މި އަހަރު ފަސް ޕާޓީއަށް ދޫކުރި ފައިސާގެ އަދަދު ޖުމުލަ 27.9 މިލިއަން ރުފިޔާއަށް އަރާ ކަމުގައި އީސީން ބުނެފައިވެއެވެ.
ފައިސާ ދޫކުރި ޕާޓީތަކާއި، ދޫކުރި އަދަދު:
° ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ
° އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ
° ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ
° އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ
° އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ



