ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އިނާމު ލިބޭ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕަރސަންކަމުގެ މަގާމު ވެސް އަދާ ކުރައްވާ އަބްދުއްރަހީމް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ”މީޑިއާ މައުރަޒު 2025“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ބޭއްވި ޤުރްއާން މުބާރާތަށްވުރެ، އާދައިގެ އެހެން ކުޅިވަރު ނުވަތަ މުނިފޫހިފިލުވުމުގެ މުބާރާތްތަކަށް މާ އަގުބޮޑު އިނާމުތައް ދެމުން އައިސްފައިވެއެވެ. ނަމަވެސް ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެންމެ ބޮޑު އިނާމެއް ދެވޭ މުބާރާތަކަށް ވާން ޖެހޭނީ ޤުރްއާން ކިޔެވުމުގެ މުބާރާތް ކަމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ބަދަލާއެކު ޤުރްއާން މުބާރާތުގެ ޚާއްސަ ވަނަތައް ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަން ވެސް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.
”މި ސަރުކާރުން އިސްލާމް ދީނުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައި، ޤައުމު ބިނާކުރުމުގެ މުހިންމު އަސާސެއްގެ ގޮތުގައި އެކަން ބައްލާނެ“ އަބްދުއްރަހީމް ވިދާޅުވިއެވެ.




