ހުޅުމާލެ އެކި މަގުތަކުގައި ހުރި ބޭނުން ނުކުރާ އަދި ބާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް މިއަދު ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހުޅިމާލޭ ފޭސް 1 އަދި 2 ގައެވެ.
ހުޅުމާލޭގެ މަގުތައްމަތީގައި ބަހައްޓާފައި ހުރި ބޭނުންނުކުރާ އުޅަނދުތައް ނެގުމުގެ މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމީޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އެޗްޑީސީގެ އިތުރުން ސަރުކާރު ހިއްސާވާ 8 ކުންފުންޏަކާއި ޕަބްލިކް ވޯކްސް އިންވެސް ބައިވެރިވާނެއެވެ.
މުޅިއަކު 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނަގާނެއެވެ.
މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މަގުމައްޗަށް އުޅަނދުތަށް ދޫކޮށްލުމުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި އެ ގޮތުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމުގައެވެ.




