ދިވެހިން އެންމެ ބޮޑަށް ލޭކެކޭ، ނުވަތަ އެންމެ ބޮޑަށް އަޑުއުފުލާ އެއްކަމަކީ ހަނގާ ކުރުން ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ”ބުލީ“ ކުރުމެވެ.
ސްކޫލުގައި ނުވަތަ މަގުމަތީގައި ވެސް މީހަކު ކުއްޖަކަށް/މީހަކަށް ނުވަތަ ބަޔަކަށް ހަނގާ ކޮށްފިނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ގިނަކަމީ އުފާކުރަންޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން ހަނގާ ކުރާ މީހުންނާ ދެކޮޅަށް ވެސް އަޑު އުފުލާނެ ބަޔަކު ތިބިކަމާއި އެކަމަކީ ބަލައިގަންނާނެކަމެއް ނޫން ކަމުގެ ޔަގީންކަން ވެސް ހާމަވެގެންދެއެވެ.
ނަމަވެސް ހިތާމައަކީ، މިފަދައިން އެންމެ ގިނައިން ހަނގާ ކުރުމާ ދެކޮޅަށް އަޑު އުފުލާ ބައެއް މީހުން، ސޯޝަލް މީޑިއާގައި ހަމައެފަދައިން އެހެން މީހުންނަށް ހަނގާ ކުރާ މަންޒަރު ފެނުމެވެ.
މިސާލަކަށް ބުނާނަމަ މީހަކު އަމިއްލަ އުފަލަށް ޓިކްޓޮކެއް ހަދައިފިނަމަ، އޭގެ ވީޑިއޯ އިސާހިތަކު ސޯޝަލް މީޑިއާގެ ޕޭޖުތަކުގައި ވައިރަލް ވެގެން ދެއެވެ. އެމީހަކާ ދިމާލަށް ހަޖޫ ޖަހައި، ކޮމެންޓު ކުރާ މީހުންވެސް މަދެއް ނޫނެވެ.
ހަމަ އެފަދައިން ތަންކޮޅެއް ހަށިގަނޑުން ރަނގަޅު މީހަކު އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިނަމަ، އޭނާގެ ހުއްދައަކާވެސް ނުލައި އެ ފޮޓޯ ސޯޝަލް މީޑިއާގެ ޕޭޖުތަކުގައި ޖަހައި އެމީހާއަަށް ހަނގާކޮށް ހަޖޫ ޖަހާފައި ހުރެއެވެ. އެމީހާގެ ސިފަޔާބެހި، ނުވަތަ އުޅޭ ގޮތާވެސް ބެހި ޕޭޖުތަކުން ކޮށްފައި ހުންނަ ޕޯސްޓުތަކާ ދެކޮޅަށް ބައެއް މީހުން ކޮމެންޓު ކުރިނަމަވެސް އެފަދަ ޕޭޖުތަކާ އެއްބައިވެ މީހުންނަށް ހަނގާކުރާ މީހުންވެސް އުޅޭކަން ހިތާމައާއެކު ފާހަގަ ވެއެވެ.
ސޯޝަލް މީޑިއާގެ ޕޭޖުތައް ހިންގާ މިފަދަ ފަރާތްތަކުން މިފަދަ ނާތަހުޒީބީ އަމަލުތައް ހިންގަނީ އެމީހުންގެ ”ޕޭޖުތައް ހިންގަން“ ކަމުގައި ބެލެވެއެވެ. ނަމަވެސް މިފަދަ އަމަލުކޮށްގެން އަނެކާއަށް މިދެވެނީ ކިހާވަރެއްގެ ދެރައެއްކަން އެފަދަ މީހުންނަށް ވިސްނޭނެނަމައޭ ހިތައް އަރައެވެ. އެމީހުން އެދޭ ހިތާމައިގެ ބަރުމިން އެމީހުންނަށާއި އެފަދައިން ހަނގާކުރާ އެންމެންނަށް ވެސް ވިސްނިގެން އެކަން ހުއްޓާލާނެ ނަމައޭ ހިތައް އަރައެވެ.
ހަނގާ ކުރުމަކީ މަޖާ ކަމެއް ނޫނެވެ. އެއީ އިންސާނަކަށް ނަފްސާނީ ގޮތުން ދެވޭ އެންމެ ބޮޑު އަނިޔާތަކުގެ ތެރެއިން އެއް އަނިޔާއެވެ!




