އެޗްޑީސީ ގެ ވެބްސައިޓަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓް ”މިތުރު“ ތައާރަފުކޮށް، އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި އާ ފީޗާސްތަކެއް ތައާރަފު ކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ވަޒީފާ ދިނުމަށް މި މަހުގެ 3 ވަނަ ދުވަހު އެ ކޯޕަރޭޝަނުން ބޭއްވި ރަސްމިއްޔާތުގައި އެކަން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއެވެ.
އެގޮތުން އެޗްޑީސީގެ ވެބްސައިޓަށް އަލަށް ތައާރަފް ކުރެވުނު ފީޗާރ ތަކަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެބްސައިޓް ބޭނުން ކުރަން ފަސޭހަކޮށްދިނުމަށް ތައާރަފް ކުރެވުނު ފަންކްޝަންތަކެކެވެ. ވެބްސައިޓަށް އިތުރުކުރި ފަންކްޝަންތަކުގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަ ވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑަރ ފަންކްޝަން ވެސް ހިމެނެއެވެ.

މީގެ އިތުރުން ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަ ކުރުމަށްޓަކައި، ”ޑިސްލެކްސިޔާ ފްރެންޑްލީ“ ފޮންޓެއްވެސް ވަނީ މި ފީޗާސްތަކުގެ ތެރެއިން ތައާރަފުކުރެވިފައިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މިއީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ވެބްސައިޓަށް މި ގެނެވުނު ބަދަލާ އެކު، އެ ކޯޕަރޭޝަނުންގެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެ ކަމަށާއި މީގެ އިތުރުން ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުންގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.



