މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ހިންގާ ޕްރޮޖެކްޓަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ކޮއްކޮއަކަށް ބިމެއް ދީ، ޕްރޮޖެކްޓް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއް އެޖެންޑާކުރަން ސިޓީ ކައުންސިލްގެ މޭޒަށް މިއަދު ހުށަހަޅައިފިއެވެ.
އެކަމަށް އެދި ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ ވަނީ މޭޔަރު އާޒިމަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ނަހުލާ އެދިވަޑައިގެންފައިވަނީ އަންނަ ބުދަ ދުވަހު ބާއްވާ ސިޓީ ކައުންސިލްގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރުމަށެވެ.
ނަހުލާގެ ސިޓީގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ވިލިމާލޭގައި ”ވިމެންސް މާކެޓް އެންޑް އައުޓްޑޯ ފުޑް ކިއޮކްސް“ ގެ ޕްރޮޖެކްޓަކަށް މޭޔަރުގެ ކޮއްކޮގެ ކުންފުންޏަކާއެކު އެގުރިމަންޓް ހަދާފައިވަނީ ޕްރޮޖެކްޓް ބިޑްކޮށްގެން ކާމިޔާބުކުރި ފަރާތާއެކު ވެސް އެގުރިމަންޓެއް ހަދާފައިވަނިކޮށެވެ.
އެގޮތުން ބިޑް ކާމިޔާބުކުރި ފަރާތަކީ ބިޒްނަސް ޕްރައިވެޓް ލިމިޓެޑްކަން ފާހަގަވެފައިވެއެވެ. އަދި ބިޑްގައި ބައިވެރިނުވި ނަމަވެސް އެގްރިމެންޓެއް ހަދާފައިވާ ފަރާތަކީ ”ވިނޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ އެވެ. އެތަނަކީ އާޒިމްގެ ކޮއްކޮ މުހައްމަދު ވިޝާމްގެ ކުންފުންޏެކެވެ.
ނަހުލާގެ ސިޓީގައި، މިދިޔަ މަހު ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މާލެ ސަރަހައްދުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުގައި މިއިން މައުލޫމާތެއް ހިމަނާފައިނުވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ދާދިފަހުން ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވެސް ނަހުލާ މި ކަންކަން ފާހަގަކުރައްވައި މޭޔަރު އާޒިމާއި އޭނާއާ ދެމެދު ބޮޑު ޒުވާބެއް ހިނގި އެވެ. ޖަލްސާ ހޫނުވެ، ނަހުލާ ވަނީ އެގުރިމަންޓްތަކެއްގެ ކަރުދާސް ވީދާލާފައެވެ. އަދި ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފައެވެ.
އުސޫލުތަކުގެ ބޭރުން ދޫކޮށްފައިވާ ބިންތަކުގެ ގޮތުގައި ތުހުމަތު ކޮށްފައިވަނީ:
° އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަ މާރުކޭޓު އަޅަން ވިލިމާލޭން ވިޝާމްގެ ’ވިނޯވާ މޯލްޑިވްސ’ް ކުންފުންޏަށް ދޫކޮށްފައިވާ ބިމެއް؛ މި ބިން ދޫކޮށްފައިވަނީ މިއަަހަރު ތެރޭ ބިޑަކާ ނުލައި ކަމަށް
° މި ބިމުގެ ބަދަލުގައި ވިލިމާލެ އިރުމަތީ ފަރާތު ބީޗުން 6000 އަކަފޫޓުގެ ބިމެއް ހިލޭ ދީފައިވާ ކަމަށް ތުހުމަތުކުރި
° ވިލިމާލޭ ސިނާއީ ސަރަހައްދުން ބަގީ ބެހެއްޓުމަށް އާޒިމްގެ އާއިލީ ކުންފުންޏަކަށް ދޫކޮށްފައިވާ 1117 އަކަފޫޓުގެ ބިމަކަށް ކުލި ނުދައްކާ އޮންނަ ކަމަށް ތުހުމަތުކުރި؛ ބަގީ އެއްބަސްވުން މިހާރު އޮތީ ބާތިލުކޮށްފަ ކަމަށް
° ކާނިވާ ސަރަހައްދުން 2530 އަކަފޫޓުގެ ބިމެއް ހިލޭ ދޫކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވޭ؛ މި ބިން ދޫކޮށްފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏެއް ކަމަށްވާ ”ވަސްމީރު ހޯލްޑިން“ އަށް



