މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް މާދަމާ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މިދިޔަ މަހުގެ 23 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.
އެނގިފައިވާ ގޮތުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް މާދަމާ ރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ފަންކްޝަން ފައިވް އިވެންޓް ހޯލްގައެވެ.
ވަގުތީ ޗެއާޕާސަން ހޮވުމަށް އެ ޕާޓީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ.
އޭރު ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް އޮތީ އެ ޕާޓީގެ ވަގުތީ ޗެއާޕަސަން ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ފަންކްޝަން ފައިވް އިވެންޓު ހޯލްގައި ބޭއްވި އެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު އައްޔަން ކުރަން ފެންނަކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް ޗެއާޕާސަން ކަމަށް އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި އެރޭގެ ބައްދަލުވުން ނިންމާލީ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީވެސް ޕާޓީގެ އިސްފަރާތްތަކުގެ މެދުގައި ހިޔާލުތަފާތުވުން އުފެދި އެ ޕާޓީ އެއްގަލަކަށް ނޭރުވި އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުމުންނެވެ.



