ރ. އަލިފުށީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ކައުންސިލުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިއީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި މި މަސައްކަތުގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށްވަނީ ހަމަޖެހިފައި“ ފުލުހުން ބުނެފައި ވެއެވެ.
އަދި މި މަސައްކަތުގެ ދަށުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ހިއުމަން ޓްރެފިކިންގ އަދި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މި މަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދާ 3 ބިދޭސީއެއް ވަނީ ފާހަގަކުރެވިފައި. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.



