މާލޭގައި ހުންނަ ސެލޫނެއްގެ ތެރޭ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފިއެވެ.
މި މާރާމާރީއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ، އަސަރީވިލާ / އަލި މަނިކު (43އ.) އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި މާރާމާރީއާ ގުޅިގެން ހަމަ އެދުވަހު އޭނާ ހައްޔަރުކޮށް، ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.
އަލި މަނިކު ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އޭނާ އަދި އޮތީ ހޮސްޕިޓަލުގައެވެ. އެހެންކަމުން އޭނާ ބަންދުގެ އަޑުއެހުމަށް ހާޒިރުނުކުރެވޭތީ، ހޮސްޕިޓަލުން ދޫކޮށްލުމާއެކު 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް މައްސަލަ ބެއްލެވި ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ އަމުރުކުރައްވާފައިވެއެވެ.
އަމުރުގައި ބުނެފައިވާ ގޮތުގައި އަލި މަނިކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ، އޭނާ ހައްޔަރުގައި ހުއްޓާ ވެއްޓި އޭނާގެ ހަރަކާތްތައް ދަށްވުމުން ކަމަށެވެ.
ކޯޓު އަމުރުން އިތުރަށް ބުނެފައިވަނީ އަލި މަނިކު ހައްޔަރު ކޮށްފައިވަނީ ސީނުން ކަމަށާއި އޭނާއަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ވެސް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަލި މަނިކު ވަނީ މުސާރަ ނުލިބޭ ގޮތަށް އިއްޔެއިން ފެށިގެން ސަސްޕެންޑު ކޮށްފައި ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމުގައިވެސް ފުލުހުން ބުންޏެވެ.




