މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށް ހާއްސަ ވަގުތީ ޕާކިންގ އަންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅުހިޔާއާއި ޖެހިގެން އޮންނަ ހުސްޖާގައިގަ ތަރައްގީކޮށްފައިވާ މި ޕާކިން ހުޅުުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންއެވެ. މި ޕާކިން އަކީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެޗްޑީސީން ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތިގެން މަގުތަކާއި އާންމުން އެއްވާ ތަންތަނުގައި އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ. ނަމަވެސް މި ޕާކިންގ ޒޯންއާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޕާކިންގ ސަރަހައްދެއް ހެދި ނަމަވެސް މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނީ، ޕާކިންއަށް ހުޅުވާލާފައިވާ ސަރަހައްދުތަކުގައި އާންމުން ޕާކު ކުރުމުން ކަމަށާއި އެހެންކަމުން މި ސަރަހައްދުގައި ޕާކު ކުރެވޭ އުޅަނދުތައް އެތަނުގައި ޕާކު ކުރުމަށް މިނިސްޓަރ އަމީން ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މި ޕާކިންއާއިއެކު މި ހުޅުވިގެންދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ޕާކު ކުރާނެ ޖާގައެއް ކަމަށެވެ.
މިތަނުގައި 1200 އަށްވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެއެވެ. މި ޕާކިންގައި ޕާކު ކުރެވޭނީ، ހަމައެކަނި 4 ފުރޮޅުލީ އުޅަނދުތަކަށެވެ.
މީގެކުރިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޕާކިންގ ސަރަހައްދުތަކާއިއެކު މިހާތަނަށް 2500 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.




