ކާރިސާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ކުރި ހަރަދު 67 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޑީއެމްއޭއިން މިއަދު ވަނީ ”ދިވެހިރާއްޖޭގެ ކާރިސާތަކުގެ ތަފާސް ހިސާބު 2024“ އާންމުކޮށްފައެވެ.
އެންޑީއެމްއޭއިން މިއަދު އާންމުކުރި އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ކާރިސާތައް ރިޕޯޓް ކުރުން ވަނީ 37 ޕަސަންޓަށް އިތުރުވެފައެވެ.
ކާރިސާތަކާ ގުޅިގެން ދައުލަތުން ދޭ އެހީގެ ފައިސާގެ އަދަދު 2022 ވަނަ އަހަރު ތިން މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދީފައިވާ އިރު، 2023 ވަނަ އަހަރު ވަނީ އެހީގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދީފައެވެ. އަދި 2024 ވަނަ އަހަރު އެހީގެ ގޮތުގައި 10 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ތަފާސްހިސާބުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
އެހެންކަމުނަ ކާރިސާތަކާ ގުޅިގެން އެންޑީއެމްއޭއިން ކުރި ހަރަދު މިދިޔަ އަހަރު ވަނީ 67 ޕަސަންޓަށް އިތުރުވެފައެވެ.
2022 ވަނަ އަހަރު އެންޑީއެމްއޭއަށް 144 ކާރިސާއެއް ރިޕޯޓުކޮށްފައި ވާއިރު، 2023 ވަނަ އަހަރު 183 ކާރިސާއެއް އަދި 2024 ވަނަ އަހަރު ވަނީ 251 ކާރިސާއެއް އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރިޕޯޓްކުރި ހާދިސާތަކުގެ ތެރެއިން ފެންބޮޑުވެގެން ގެއްލުން ލިބުމުގެ 93 ހާދިސާ ރިޕޯޓްކުރިއިރު، އަލިފާނުގެ 83 ހާދިސާ އަދި ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބިގެން 57 ހާދިސާ ރިޕޯޓްކޮށްފައިވެއެވެ.
ހަމައެހެންމެ ވިއްސާރާގައި ގެއްލުން ލިބުމުގެ 8 ހާދިސާ، ގޭސްފުޅި ގޮވުމުގެ 4 ހާދިސާ، އުދަ އަރައިގެން ގެއްލުން ލިބުމުގެ 3 ހާދިސާ، ހޮނު އަޅައިގެން ގެއްލުން ލިބުމުގެ 2 ހާދިސާ އަދި ކަނޑުމަތީގެ 1 ހާދިސާ ވެސް ރިޕޯޓްކޮށްފައިވެއެވެ.



