ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން ”ދީތުވާ“ގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަނުން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ލަންކާއަށް ފޮނުވަން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ މޯލްޑިވިއަނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ އެއާލައިނާއި އިތުރު ދެ އެއާލައިނަކުން ގުޅިގެން ލަންކާއަށް ޒަރޫރީ ތަކެތި ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ޕޯސްޓުގައި ވަނީ ލަންކާއަށް ތަކެތި ފޮނުވަނީ މަހަލްދީބް ފައުންޑޭޝަނާއި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެންކަން ހާމަކޮށްފައެވެ.
އަދި މިފަދަ ދަތި ހާލަތެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަން އިން ކުރާނެ ކަމެއް ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
”އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުން ރަމްޒުކޮށްދެނީ އެ އަޅާލުމާއި ޒިންމާދާރުކުރަން،“ މޯލްޑިވިއަނުން ބުނެފައި ވެއެވެ.
ދީތުވާ ތޫފާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި މޯލްޑިވިއަންއާއި އިތުރު ދެ ފަރާތަކުން ލަންކާއަށް އެހީވުމުގެ މަސައްކަތް ފަށާފައި ވާއިރު ދިވެހި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އަދި އާންމު ދިވެހިން ގުޅިގެން ގިނަ އަދަދެއްގެ އެހީތެރިކަން އެ ގައުމަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު ކޭހާއި ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.




