ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތަކެއް މި ސަރުކާރުން ގެންނަން ނިންމާފައިވާކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު އެ ޔަގީންކަން ދެއްވައި، އެކަން ހާމަކުރައްވަފައިވަނީ ރޭ މާލޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަލާފާނު ސްކޫލްގައި ބޭއްވި އެ ބައްދަލުވުމުގައިވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހުކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވައި އެމަނިކުފާނު ވަނީ، ވަޢުދުފުޅުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.
މީގެއިތުރުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒު ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަގުހެދުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވައި، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތްކުރައްވައި، މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާޢަތަށް ޚާއްސަ އޮފީސް އިމާރާތެއް ތަރައްޤީކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



