މާލޭގެ ސެލޫނެއްގެ ތެރޭގައި މާރާމާރީ ހިންގައިގެން ހައްޔަރުކުރި ފުލުސް މީހާއަށް އެކަން ކުރެވުނީ ނުނިދާ ހުރުމުން ހަމައިގައި ނެތުމުން ކަމުގައި އޭނާ ބުނެފިއެވެ.
މި މާރާމާރީއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ، އަސަރީވިލާ / އަލި މަނިކު (43އ.) އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި މާރާމާރީއާ ގުޅިގެން ހަމަ އެދުވަހު އޭނާ ހައްޔަރުކޮށް، ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކުރުމުން ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ވެސް އޭނާ ހުރަސް އަޅައިފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނެފައި ވަނީ، އޭނާއަކީ ކުރިން ވެސް އެ ތަނަށްދާ މީހެއް ކަމަށެވެ. އަދި މާރާމާރީ ހިންގިއިރު އޭނާ ހުރީ ގިނަ ދުވަސްތަކެއް ވާންދެން ނުނިދާ ހުރުމުގެ ސަބަބުން ހަމައިގައި ނޫން ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން މިދިޔަ ހޮނިހިރު ފެށިގެން މުސާރަ ނުލިބޭގޮތަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




