ޚާއްސަ ހާލަތްތަކުގައި އެ މީހެއްގެ ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ކަލާފާނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި އުމުރުން ދުވަސްވީ މީހަކު ވަނީ، އޭނާގެ ދިރިއުޅުމަށް އަމިއްލަ ބޭނުމަށް ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ބޭނުން ނުކުރެވޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު އެ ފަންޑުން ފައިސާ ނެގުމަށް ހުރި ކަންކަމަކީ މާ މަދު އަދި އޭނާއަށް އެހާ މުހިންމު ކަންތައްތަކެއް ނޫންކަން ވެސް އޭނާ ފާހަގަކުރިއެވެ.
އެގޮތުން މިވަގުތު އެ ފަންޑުން ފައިސާ ނެގެނީ ބޯހިޔާވަހިކަމާއި ހައްޖަށް ދިޔުމަށްކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، އިތުރު ކަންކަމަށް އެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ހެދުމަށްޓަކައި ގާނޫނު އިސްލާހުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
”އެއް ބޭފުޅަކު މިތަނުގައި ފާހަގަކުރެއްވި ޕެންޝަން ފަންޑުގެ ވާހަކަ. އަޅުގަނޑު ވައުދުވެފައި އޮތް ކަމެއް މިއީ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭ ކަންކަންކޮށްދޭން. ބައެއް ކަންކަން ފެށިފައި އެ ވަނީ. އިތުރަށް ފުރުސަތު ދޭން ވެގެން، މިހާރު މަޖިލިސް ޗުއްޓީއަށް ފަހު ދެން ހުޅުވޭ ދައުރަށް އެބަ ހުށަހަޅަން ޕެންޝަންއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް، އެ އިސްލާހުގެ ދަށުން ވަރަށް ގިނަ ފުރުސަތުތައް ޕެންޝަން ފައިސާ ބޭނުންކުރުމަށް ހުޅުވިގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށާއި އެ ޚާއްސަ ހާލަތްތައް އޭގައި ބަޔާން ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިހާރަށްވުރެ ގިނަ ހާލަތްތައް ހިމަނައިގެން ގާނޫނަށް އިސްލާހު ގެނެވޭނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



