ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެދަށުން މާލޭގައި ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ކަލާފާނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓުނު ކަމަށެވެ.
އެހެންކަމުން އެ މައްސަލައަށް ހައްލެއް ގެންނަން ކުރި މަޝްވަރާގެ ތެރެއިން ޖަޕާން ސަރުކާރުން އެ މަސައްކަތް ކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވެސް ވާހަކަދެކެވި، މަސައްކަތްތަކެއް ފެށިފައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެ މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމަށެވެ.
އާ މަސްމާރުކޭޓު އަޅާނީ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.



