ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރުންް ”ވައިޓޭޖް“ މެތަޑަށް ބަދަލުކޮށް ބޯޑް ޗެއަރ އަދި މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) ގެ ބޯޑުން އިސްލާހުކޮށްފި އެވެ.
މި އުސޫލު އިސްލާހުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ބޭއްވި ޕީ.ސީބީ ބޯޑު މެންބަރުންގެ ބައްދަލުވުމުންނެވެ.
މިކަންހާމަކޮށް ޕީސީބީ އިން ބުރާސްފަތި ދުވަހު ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ، ވަކި ޝަރުތެއް ފުރިހަމަނުވުމުން ކުރިން ގިންތި ބަދަލުނުވެ އޮތްއޮތުން ނިމުމަކަށް ގެނައުމަށް އިންސާފުވެރި ގޮތެއްގައި ގިންތިކުރެވޭ ”ވައިޓޭޖް“ މެތަޑަކަށް ދާން ނިންމީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމުގައި ވަކި ޝަރުތެއް ފުރިހަމަނުވުމުން ގިންތި ބަދަލުނުވެ އޮންނަ އުުސޫލު ނިމުމަމަކަށް ގެނައުމަށް ކަމަށެވެ.
ޕީސީބީ އިން ބުނީ އެ އުސުލާ އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވާސިލްވުމަަށް ކަންކަން ފަހިކޮށްދީފައިވާނެ ކަމަށެވެ.
އެގޮތުން 2026ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މި ޑިސެންބަރު މަހުގެ 31ގެ ކުރިން އެ ބޯޑަށް ހިއްސާކުރުމަށް އެދޭކަމަށާއި، އަދި އެއްވެސް ސަބަބަކާހުރެ އެ އަމާޒު އެ މުއްދަތުގައި ކަނޑަނޭޅިއްޖެނަމަ ލަސްވެގެން 15 ޖެނުއަރީ 2026ގެ ކުރިން އެ ބޯޑަށް ޓާގެޓްތައް ހިއްސާކުރުމަށްވެސް ޕީސީބީ އިން ވަނީ އެދިފައެވެ.
ހަމައެހެންމެ ކުރިއަށްއޮތް އަހަރުތަކުގައި ޓާގެޓް ކަނޑައަޅާނެ ގޮތާއި ކުންފުނިތަކުން އަމާޒު ކަނޑައެޅުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް މިޑްޓާމް ޓާގެޓް ރިވިޝަން ކުރެވޭނެ ފަސޭހަގޮތްތައް އެ އުސޫލައް އިތުރުކުރެވި، އަދި އެ އުސޫލު ހަރުދަނާ ކުރުމަށް އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތައް އުސޫލަށް އިތުރުކޮށްފައިވާނެ ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.
ޕީސީބީ އިން ބުނީ ކުންފުނިތައް ގިންތިކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު މެނޭޖިން ޑިރެކްޓަރ ފިޔަވައި އެހެނިގެން އެގްޒެކެޓިވް ސްޓާފުންގެ އަސާސީ މުސާރަ އާއި ޕާރފޯމެންސް އެލަވަންސްތައްވެސް އުނިކޮށްފައި ވާނެ ކަމަށެވެ.
އަދި އެ މަޤާމްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ކުންފުނީގެ އޮނިގަނޑާއި އެއްގޮތަށް ކުންފުނީގެ ބޯޑުން ކަމަށް ޕީސީބީ އިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މުސާރައިގެ އޮނިގަނޑު ބަދަލުކުރަން ޖެހިއްޖެނަމަ ސަރުކާރުގެ މެރޯރިޓީ ހިއްސާވާ ކުންފުނިތަކުގެތެރެއިން ޕަބްލިކް ލިސްޓް ނުކުރާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅަންވާނީ ޕީސީބީ ގެ ގައިޑްލައިނާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށްވެސް ޕީސީބީން ވަނީ ބުނެފައެވެ.
އަދި އެ ނޫން ކުންފުނިތަކުން މުސާރައިގެ އޮނިގަނޑު ކަނޑައަޅަންވާ ވަނީ އެ ކުންފުންޏެއްގެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރަށް އެގްޒެކެޓިވް މުވައްޒަފަކު ސަރުކާރުން ބޯޑް މެންބަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާނަމަ ބޯޑް ޑިރެކްޓަރުންގެ އިނާޔަތުގެ ގޮތުގައި އުސޫލުގައި ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ދޭންވާނެ ކަމަށް ޕީސީބީ އިން ބުނެފައި ވެއެވެ.
ޕީސީބީ އިން ބުނީ އެ ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމްކަމެއް ކަމަށެވެ.




