އައު ޚިދުމަތްތަކާއި ފީޗަރސްތަކާއެކު ފުލުހުންގެ އެޕްލިކޭޝަން ”ޕޮލިސް އެމްވީ“ އަލުން އިފްތިތާޙުކޮށްފިއެވެ.
އެ އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.
ފުލުހުން ބުނީ އެ “ އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް، މޯލްޑިވްސް 2.0 އުސޫލުތަކާއި އެއްހަމަކޮށް ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިވާނެ ގޮތަށް ކަމަށެވެ.
ފުލުހުންގެ އެޕްލިކޭޝަނަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި މައްސަލަ ހުށައެޅުމާއި، ތަހުޤީޤު ކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުން ހިމެނެއެވެ.
އަދި ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރުމާއި މައްސަލަ ތަޙުގީގު ކުރާ އޮފިސަރުގެ މަޢުލޫމާތާއި، އެފަރާތާއި ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމު ހިމެނެއެވެ.
ހަމައެއާއެކު ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.
ހަމައެހެންމެ ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
މީގެ އިތުރުން ޕޮލިސް ސެޓްފިކެޓާއި ކުށުގެ ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައި ކުރުމާއި ސެޓްފިކެޓްތައް ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެ ގޮތް އެ އެޕްލިކޭޝަނުގައި ހިމެނެއެވެ.



