މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އާންމު ސިއްޙަތުގެ ދާއިރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޕްޗީއޭ އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ”އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ 4 މީހަކުން އެކަކީ ބިދޭސީއެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް ހަރަކާތްތެރިވާއިރު، މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ބިދޭސީންގެ ނިސްބަތުން ގިނައީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ މީހުން. ރާއްޖޭގައި ނައްތާލެވިފައިވާ ބަލިތައް އެ ޤައުމުތަކުގައި އުޅޭއިރު، ރާއްޖެއަށް އަންނަ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން މުހިންމު“ މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު ނާޒިމް ވަނީ ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިއަދު މަސައްކަތް ނުކޮށްފިނަމަ އާންމު ސިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
މިގޮތުން މިނިސްޓަރު ނާޒިމް ވަނީ ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށްކުރާ މަސައްކަތުގައި ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.




