އެމްގެޕްގެ ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕްގެ ބައިވެރިންގެ އަމަލީ ތަމްރީނުތައް އއ. ތޮއްޑޫގައި ކުރިޔަށް ގެންގޮސްފިއެވެ.
މިނިސްޓްރީން ބުނީ މިއީ މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބޭއްވި ވޯކްޝޮޕެއް ކަމަށެވެ.
މި ތަމްރީންތަކުގައި ރާއްޖޭގެ 25 ރަށަކުން 55 ފަރާތެއް ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީންތަކުގެ ތިއަރީ ކުރިޔަށް ގެންދިޔައީ މާލޭގައެވެ. އެގޮތުން އެމްގެޕް ސްޓޭންޑަރޑްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ނަގައިދީފައިވެއެވެ.
އަދި މިއަދު އއ. ތޮއްޑޫގައި މި ބައިވެރިންގެ އަމަލީ ތަމްރީންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސްއަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކޮށް ރައްކާތެރި ކާނާ، ދަނޑުތަކުން އުފެއްދުމަށް ވަރަށް މުހިންމު ސްޓޭޑަރޑެކެވެ.
މީގެ ސަބަބުން ދަނޑުވެރިކަމުގައި ކެމިކަލް ހިމެނޭ ބޭސްތައް މަދުކޮށް، އޯގަނިކް ކާނާ ބޭނުން ކުރާނެގޮތްތަށް ދަސްވެ، އެ އެގޮތުގައި ދަނޑުވެރިކަން ކުރުމުން، ސިއްހަތައް ފައިދާ ހުރި ކާނާ ދަނޑު ބިންތަކުން ލިބިގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިހާތާނަށް ރާއްޖޭގައި 10 ދަނޑެއް ވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮއިދޫގެ 10 ދަނޑެވެ.



