ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވެ، ވެރިކަން ގެއްލުމާ އެކު ޕާޓީގެ މެންބަރުން ތިބީ މާޔޫސްވެގެން ރަޖާގަނޑު ލައިގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާ ގުޅިގެން، އެ ޕާޓީގެ ސަޕޯޓަރުންގެ ކިބައިން މާފަށްއެދެން ޖެހޭނެ ކަމަށް އެމްޑީޕީގެ ”މަންމަ“ ގެ ލަގަބު ލިބިފައިވާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފެކްޝަންތަކުގެ ވާދައިގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ އަންނަ ކައުންސިލް އިންތިހާބަށް މާލޭގެ މޭޔަރުގެ ޓިކެޓަށެވެ.
އެވޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ތާއީދުކުރަނީ، މިހާރު ވެސް މާލޭގެ މޭޔަރަކަށް ހުންނެވި އާދަމް އާޒިމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ފަހުން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން ތާއީދުކުރަނީ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމަށެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވަނީ އެމްޑީޕީއަށް ވެރިކަން ގެއްލުނު ފަހުން ”މާޔޫސްކަމުގެ ރަޖާގަނޑު“ ލައިގެން ޕާޓީގެ މެންބަރުން ތިއްބައި ރޫހު ގެނެސްދެއްވީ އޭނާ ކަމަށް ވިދާޅުވެފަ އެެވެ.
އާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވަމުން، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އެކްސްގައި ވިދާޅުވީ މާލޭގެ މޭޔަރު ޕްރައިމަރީގައި އޭނާ ހުންނެވީ ވަކި ފަރާތަކަށް ތާއީދުކުރައްވައިގެން ނޫން ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުން ބަލިވުމުން ”ހުން އައިސް ރަޖާލައިގެން ތިބީ ފިނޑި ބައެއް“ ކަމާއި އެ ހާލަތުގައި ”އެމްޑީޕީ ކޮޅަށް ޖެއްސެވީ އާދަމް އާޒިމް“ ކަމަށް ވިދާޅުވެ، މި މޭރުމުން އެމްޑީޕީ ހަރުގޭގައި ވާހަކަ ދެއްކެވުމުން އޭނާ ވާހަކަދައްކަވަން ޖެހިވަޑައިގަތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.


