މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަން ހިމެނޭހެން ފަންނިއްޔާތުގެ އެކި ދާއިރާތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހަދައި، މަޖިލީހަށް ހުށައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން އައު ފީޗަރސްތަކަކާއެކު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިދާރާތަކުން ހަދާ ސޮފްޓްވެއަރތަކާއި ބޭނުންކުރާ ހަރޑްވެއަރތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި ރާއްޖޭގައި ފަންނިއްޔާތާ ގުޅުންހުރި ޤާނޫނުތަކެއް ހަދަންޖެހޭ ކަމަށެވެ.
އަދި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.
”ސައިބަރ ސެކިއުރިޓީއާ ބެހޭ ޤާނޫނާއި ޑޭޓާ ޕްރޮޓެކްޝަންއާ ބެހޭ ޤާނޫނުގެ ޑްރާފްޓް އެކުލަވާލައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފަ.“ ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު ވިދާޅުވިއެވެ.
މިނިސްޓަރ ކިނާނަތު ވިދާޅުވީ އިންފޮމޭޝަން ސިސްޓަމްތަކެއް ހަދައި، ގިނަ ޑޭޓާ ލިބުނު ނަމަވެސް ޑޭޓާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.
އަދި ޑޭޓާގެ އަލީގައި ނިންމުންތައް ނިންމުން އެއީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ސްޓޭޓް ކިނާނަތު ވަނީ ބޭރު ޤައުމުތަކުގައިވެސް ނިންމުންތައް ނިންމަނީ ޑޭޓާ އެނަލައިސްކޮށްގެން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދިރާސާކުރުން އެއީ މުހިންމު ކަމެއް ކަމަށާއި ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކުރަންޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު ވިދާޅުވިއެވެ.




