ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން ”ދީތުވާ“ގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް އޭޑިކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ފަރާތުން 20،000 ޑޮލަރު ހަދިޔާ ކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މިކަން ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އޭޑީކޭ އިން ބުނީ ރާއްޖޭގައި ހުންނަ ލަންކާގެ ހައިކޮމިޝަނަރާއި މިއަދު ބައްދަލުކުރައްވާ އެ ގައުމަށް ދިމާވި މި އުނދަގޫ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށެވެ.
މިގޮތުން އެހީގެ ގޮތުގައި އެ ގައުމަށް 20،000 ޑޮަލަރުގެ ފައިސާގެ އެހީ ދީފައިވާ ކަމަށް އޭޑީކޭއިން ވަނީ ހާމަކޮށްފައެވެ.
ދީތުވާ ތޫފާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އޭޑީކޭ ފަރާތަކުން ލަންކާއަށް 20،000 ޑޮލަރު ހަދިޔާކޮށްފައި ވާއިރު ދިވެހި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އަދި އާންމު ދިވެހިން ގުޅިގެން ގިނަ އަދަދެއްގެ އެހީތެރިކަން އެ ގައުމަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު ކޭހާއި ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.



