ބޮޑުތަކުރުފާނު މަގުގެތާރު އެޅި ސަރަހައްދު އާންމުކޮށް ހުޅުވާލައިފިއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގެ މަސައްކަތްތައް ނިންމާ، އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ ބޮޑުތަކުރުފާނު މަގުގައި މިހާރު މަސައްކަތް ނިމިފައި މިވަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގައެވެ. ސެގްމަންޓް 1ގައި ހިމެނެނީ 130 މީޓަރުގެ ސަރަޙައްދެކެވެ. އެއީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ ސަރަހައްދެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެއެވެ.
އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށެވެ.
މި މަޝްރޫޢަކީ 144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.



