ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސައުދި އަރަބިއްޔާގެ ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑަރް ބިން އަބްދުﷲ އަލްރަޖްހީ ރާއްެޖެ ވަޑައިގެންފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޮންފަރެންސް ފަށާނީ ޑިސެމްބަރު 11 ވަނަ ދުވަހެވެ.
މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑަރް ބިން އަބްދުﷲ އަލްރަޖްހީ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ.
ހައްޖު އެންޑް އުމްރާ ކޮންފަރެންސަކީ ހައްޖު އުމްރާގެ ހިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ހައްޖާއި އުމްރާގެ އަޅުކަމާއި ގުޅުންހުރި ހިދުމަތްތައް ފުޅާކުރުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެކެވެ. އަދި މިއީ ޢުމްރާ ކުންފުނިތަކާއި އިސްލާމިކް މިނިސްޓްރީއާ އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅާފައިވާ ގޮތަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މައުލޫމާތުތައް ދީ ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މިދިޔަ އަހަރު ބޭއްވި މި ކޮންފަރެންސްގައި ވެސް ހައްޖާއި އުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ އިލްމުވެރިން ބައިވެރިވެލެއްވިއެެވެ.



