ރާއްޖޭގެ އުތުރުގެ ރަށެއްގެ ސްކޫލެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާއާއި ހަނގާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެ، ކުއްޖާ ސްކޫލަށް ނުފޮނުވާތީ އެކުއްޖާގެ މަންމަގެ މައްސަލައެއް ވެސް ބަލަން ފަށާފައިވާކަން ހާމަވެއްޖެއެވެ.
އެ ކުއްޖާއަށް ކަންތައް ކޮށްފައިވާ ގޮތް ކުއްޖާގެ ދުލުން ކިޔައިދޭ ވީޑިއޯއަކާއި، ކުއްޖާގެ މަންމަ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވާން އަމުރުކޮށްފައިވާ ޗިޓުގެ ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި އެ ކުއްޖާވަނީ، ސްކޫލްގައި އެހެން ކުއްޖެއްގެ ފަރާތުން ދިމާވި މި މައްސަލަތަކުގެ ވާހަކަ ޓީޗަރަކަށް ކިޔައި ދިން ކަމުގައި ބުނެފައެވެ. އަދި ޓީޗަރު އެކަމާ ”ގޮތެއް ހަދާނަން“ ކަމަށް ބުނި ކަމަށް ވެސް އެ ކުއްޖާ ބުނެފައިވެއެވެ.
ކުއްޖާ ކިޔައިދިން ގޮތުގައި ހަނގާ ކުރި ކުއްޖާ ވަނީ އޭނާގެ ”ޕްރައިވެޓް ޕާޓްތަކަށް“ (ޖިންސީ ގުނަވަންތަކަށް) އިނގިއްޔާއި ފަންސޫރު ހަރާފައެވެ. ދެ ފަހަރު އެކުއްޖާއަަށް އެހެން ހެދި ކަމަށް ވެސް އޭނާ ކިޔައިދީފައިވެއެވެ.
މީގެއިތުރުން އެ ކުއްޖާ ބުނެފައިވަނީ، މިހާރު ކުޑަކަމުދާއިރު ތަދުވާ ކަމަށާއި އެކަންތައްވުމުގެ ސަބަބުން ވަރަށް ބިރުގެންފަ ހުރި ކަމަށެވެ.
މި ހާދިސާގެ ޕޯސްޓެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އޭގައި ބުނެފައިވަނީ އެ ކުއްޖާ މިހާރު ސްކޫލަށް ދާން ބިރުގެންފައި ހުރި ކަމަށާއި މި މައްސަލަތައް ކުއްޖާގެ މަންމަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ކަމަށެވެ.
ނަމަވެސް ކުއްޖާ ސްކޫލަށް ނުފޮނުވާ މައްސަލައިގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން ކުއްޖާގެ މަންމައާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 10 ވަނަ ދުވަހު ހާޒިރުވުމަށް ކޯޓުން ވަނީ ޗިޓު ފޮނުވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ”ސައުވީސް“ އިން ގުޅާލުމުން، ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އަދި ވަނީ އެ މިނިސްޓްރީގެ ބަހެއް ނުލިބިފައެވެ.




