ރަސްމާލެއާއި ހުޅުމާލޭގެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންކަން އެ ކުންފުނިން ސާފުކޮށްދީފިއެވެ.
އެމްއޭސީއެލް އިން މިކަން ސާފު ކޮށްދީފައިމިވަނީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ބުނެ އެޗްޑީސީން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓާ ގުޅިގެން ބައެއް ފަރާތްތަކަށް ހީވެފައިވަނީ، ރަސްމާލޭގެ ބިން ހިއްކަނީ އެޗްޑީސީން ކަމަށެވެ.
އެހެންކަމުން އެކަން ސާފުކޮށްދެމުން އެމްއޭސީއެލް އިން މިއަދު ބުނީ، އެ ރަސްމާލޭގެ ބިން ހިއްކުމާއި ހުޅުމާލޭގެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްއޭސީއެލް އިން ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިންމާލައިފިއެވެ.
ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ ”ރަސްމާލެ“ ނަމުގައި ބިޔަ މަޝްރޫޢެއް ފައްޓަވާފައިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެއީ 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ.




