ޒަކާތު ފަންޑުން އިންވެސްޓްކޮށް، އެ ފަންޑަށް ދާއިމީކޮށް ފައިސާ އިތުރުކުރެވޭނެ ގޮތްތަކެއް ކުރިއަށް އޮތް 2 އަހަރުގެތެރޭގައި ހޯއްދަވައިދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުން އިންވެސްޓްކުރަން ޤާނޫނުން ލާޒިމު ނުކުރާކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ބަލާއިރުވެސް، ޒަކާތުގެ ބެހެނިވެރިންގެ ޙާޖަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޤާނޫނު ބުނާގޮތުން، ފަންޑަން ޖަމާކުރެވޭ ފައިސާ، އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދާކުރާ ގޮތެއްގެމަތިން އިންވެސްޓްކުރެވޭނެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ޒަކާތު ފައިސާއިން އިންވެސްޓް ކުރެވިދާނެކަމަށް ޤާނޫނުގައި ހިމަނާފައިވަނީ މިކަމާ ގުޅޭގޮތުން ބޮޑެތި ދިރާސާތައްކޮށްފަވާ ފިޤްޙް އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކުގެ ތަޢުޔަށް ރިއާޔަތްކޮށްކަމަށެވެ. އެހެންކަމުން ރާއްޖެއިންވެސް ބުރަވެފައިވަނީ ވަކި ޝަތުރުތަކަކާއެކު އެކަން ކުރެވިދާނެކަމަށް ކަމަށާއި، ނަމަވެސް ޤާނޫނުން އެކަން ލާޒިމު ނުކުރާކަމަށެވެ.
”ސީދާ އިންވެސްޓް ކުރަންޖެހޭނެކަމަށް ޤާނޫނެއް ނުބުނޭ. އެކަމަކު އެއީ ކުރެވިދާނެކަމަށްކަމަށް ބަޔާންކޮށްފަވަނީ. ބެހެނިވެރިންގެ ޙާޖަތްތައް ވަރަށް ބޮޑަށް އިތުރުވެއްޖެ، ލިބޭ މިންވަރަށްވުރެ. އިންވެސްޓް ކުރިއަށް ބަލާނެ ޙާޖަތްތަކަށް އެއްވެސް އުނިކަމެއް ނާންނަގޮތަށް އެކަން ކުރާނީ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.




